ތެލަސީމިއާ ކުދިންނަށް މުޅިން އަލަށް އެލަވަންސެއް ދެނީ
އަވަސް
21 އޮކްޓޯބަރު 2025 | އަންގާރަ | 11:35
ތެލަސީމިއާ ކުދިންނަށް އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމައިފި އެވެ.
ލ. ގަމު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ތެލަސީމިއާ ކުދިންނަށް މުޅިން އަލަށް އެލަވަންސެއް ދިނުމަށް ނިންމަވާ އެކަން އިއުލާންކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ކޮންމެ މަހަކު ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށެވެ. އެލަވަންސް ދިނުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމަނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. "އެކުދިންނަށް މި ފައިސާ ލިބޭނެ،" ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ތެލަސީމިއާ ކުދިންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވަނީ 982 ކުދިންނެވެ.