ސިނގިރޭޓް މައްސަލަ: ކޮންޓެއިނާގެ ބައެއް ބައިތައް ހޯދާ، އިތުރު މީހަކު ހައްޔަރުކޮށްފި

އަވަސް

22 އޮކްޓޯބަރު 2025 | ބުދަ | 8:21

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށް ދެ ކޮންޓޭނަރުގެ ބައެއް ބައިތައް ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގައި އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ އިއްޔެ އެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މިމަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައިފާސްކޮށް އޮޕަރޭޝަންގެ ތެރެއިން ދެ ކޮންޓޭނަރުގެ ބައިތައް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލަގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ ލޮޓަސްގެ ވެރިޔާ، ކ. މާލެ، މއ. އެވާގްލޯރީ، އަހުމަދު އާރިފް (އާއްޓޭ) 61އ އާއި އެޕޯލޯގެ ވެރިޔާ، ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު (ދިގަލި) 65އ ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ (48އ) އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލް (40އ) އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. މި މައްސަލައިގައި އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ ބައެއް މުވައްޒަފުންވެސް ސަސްޕެންޑްކޮށްފަ އެވެ.

މައުޟޫޢުތަށް