ތުނޑި އަވަށުގެ އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި
އަވަސް
22 އޮކްޓޯބަރު 2025 | ބުދަ | 10:08
އެމްޑަބްލިޔުއެސްސީ އިން ލ. ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ އާ ނަރުދަމާ ނިޒާމުގެ ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށައިފި އެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި މަޝްރޫއުގެ މަސައްކަތްތައް ފައްޓަވާ ދެއްވީ ލ. ގަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ލ. ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އަދި ލ. ގަމުގެ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ. ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި ޕަންޕިން ލައިން އާއި ސީ އައުޓް ފޯލް އެޅުމާއި، ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބާގެ މަސައްކަތްތައް ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.