ސިނގިރޭޓް މައްސަލަ: ފަސްވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދު
އަވަސް
22 އޮކްޓޯބަރު 2025 | ބުދަ | 12:45
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، އަބްދުއްރަހްމާން (52އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން މިމަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައިފާސްކޮށް އޮޕަރޭޝަންގެ ތެރެއިން ދެ ކޮންޓޭނަރުގެ ބައިތައް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލަގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ ލޮޓަސްގެ ވެރިޔާ، ކ. މާލެ، މއ. އެވާގްލޯރީ، އަހުމަދު އާރިފް (އާއްޓޭ) 61އ އާއި އެޕޯލޯގެ ވެރިޔާ، ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު (ދިގަލި) 65އ ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ (48އ) އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލް (40އ) އެވެ.