އާމްދަނީ 8.5 ޕަސެންޓް އިތުރުވެ، 30 ބިލިއަނަށް
އަވަސް
22 އޮކްޓޯބަރު 2025 | ބުދަ | 3:44
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 30 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 28.2 ބިލިއަން ރުފިޔާއަށްވުރެ 8.5 ޕަސެންޓް އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު 23 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ 75 ޕަސެންޓެވެ. ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 105 ޕަސެންޓް އަދި ޑިޕާޗާ ޓެކްސް އާމްދަނީ ވަނީ 56 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު 61 ޕަސެންޓް އިތުރުވެފަ އެވެ. އެއާޕޯޓް ޓެކުހާއި ފީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޓެކްސް ރޭޓަށް ގެނެވުނު ބަދަލާއި ފަތުރުވެރިންގެ އަދަދު އިތުރުވުން ހިމެނެ އެވެ. އާމްދަނީގެ ގޮތުގައި މި އަހަރު 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އަހަރުގެ މިހާތަނަށް ވަނީ މި އަދަދުގެ 77 ޕަސެންޓް އާމްދަނީ ލިބިފަ އެވެ.