ގާނޫނާ ހިލާފު ކަންކަމަށް ނޫނެކޭ ބުނަން ނުކުރޭނަމަ އިސްތިއުފާދީ: ފައްޔާޒް
އަވަސް
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:12
ސަރުކާރުން ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމަށް ނޫނެކޭ ބުނަން ނުކުރޭނަމަ އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފި އެވެ.
އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ އަމާޒު މިހާރު ހުރީ ޕެންޝަން ފަންޑް "ދޮވެލުމަށް" ކަމަށާއި ގާނޫނާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށެވެ. "އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، ސެންޓްރަލް ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު މި ސަރުކާރު އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް. ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް،" ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުން ދިނުމުގައި ބައިވެރިވުމަކީ އުޒުރެއް ނޫން ކަމަށާއި އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމަށް ނޫނެކޭ ބުނަން ނުކުރޭނަމަ އިސްތިއުފާ ދިނުމަށްވެސް ފައްޔާޒް ގޮވާލެއްވި އެވެ. "ދިވެހިންގެ މުސްތަގުބަލު ފޭރިގަތުމުގައި ބައިވެރިނުވެ، އެކަމަށް ނޫނެކޭ ބުނަން ނުކެރޭނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ. ގައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭނެ ގެއްލުން ދިނުމުގައި ބައިވެރިވާ ފަރާތްތައް ރައްޔިތުން ނުކުމެ ޖަވާބުދާރީ ކުރުވައި ޒިންމާކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.