ގްރީން ޓެކްސް އާމްދަނީ 105 ޕަސެންޓް އިތުރުވެއްޖެ
އަވަސް
25 އޮކްޓޯބަރު 2025 | ހޮނިހިރު | 9:35
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބުނު އާމްދަނީ 105 ޕަސެންޓް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 834.6 މިލިއަން ރުފިޔާއަށްވުރެ 878.6 މިލިއަން ރުފިޔާ އިތުރުވުމެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. އެ ގޮތުން ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިއަކު ހުންނަ ކޮންމެ ދުވަހަކަށް މި ޓެކްސް ނަގަ އެވެ.
މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.