އެއާޕޯޓަށް ބޭނުން ގޮތެއް ހަދަން ދޫކޮށް ނުލެވޭނެ: އިމްރާން
އަވަސް
25 އޮކްޓޯބަރު 2025 | ހޮނިހިރު | 10:48
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތުހުރި ގޮތެއް ހަދަން ދޫކޮށް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ހުޅުލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ ދިވެހިންގެ އަތުގައި އޮތް އެންމެ މުހިންމު ސްޓްރެޓެޖީކް އެސެޓް ކަމަށެވެ. އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރާށިކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެއާޕޯޓަކީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ރަމްޒު ކަމަށާއި އެއީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި އިގްތިސާދުގެ މައި ތަނބު ކަމަށެވެ. "'ދިވެހިންގެ އެއާޕޯޓަށް' ރައީސް މުއިއްޒު ހިތުހުރިގޮތެއްހަދަން ދޫކޮށެއްނުލެވޭނެ!" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެއާޕޯޓު މޯގޭޖުކޮށް އެތަން ތަރައްގީ ކުރުމުގެ ނަމުގައި ބިލިޔަނުން ލޯނު ނަގައި އެކިނަންނަމުގައި އަމިއްލަ މަންފާއަށް ކަމާނުގުޅޭ ސިޔާސީ ކަންކަމަށް ހަރަދުކުރުމުގެ ނަތީޖާއަކަށް ވާނީ ދުވަސްކޮޅަކުން ލޯނުތައް ޑީފޯލްޓްވެ އެއާޕޯޓު ގެއްލި ފަތުރުވެރިކަމުގެ ސިނާއަތް އެކީ ހަލާކުވެދިއުން ކަމަށެވެ. "ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންވީ ދުވަސް ޖެހިއްޖެ!" އިމްރާން ވިދާޅުވި އެވެ. އިމްރާން މިހެން ވިދާޅުވިއިރު ބައެއް ރަށްރަށުގައި އެއާޕޯޓް އަޅަން ވީއައިއޭ ހިންގާ އެމްއޭސީއެލްއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ބިން ހިއްކަން އެމްއޭސީއެލް އިން ވަނީ ކުންފުންޏެއް ހަދާފަ އެވެ. އަދި ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރަންވެސް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.