އައްޑޫ ވޯޓު ބަންދުވިއިރު ލާފައިވަނީ މަދު ވޯޓެއް

އަވަސް

25 އޮކްޓޯބަރު 2025 | ހޮނިހިރު | 4:44

އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ވަކި ރަށު ކައުންސިލްތައް ހެދުމަށް ފެނޭތޯ ބެލުމަށް ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލާ ވަގުތު ހަމަވެ ވޯޓު ފޮށިތައް ބަންދުކޮށްފި އެވެ.

މި ވޯޓު ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތަށް ބަލާއިރު ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވެ އެވެ. އެއީ 4،892 ފިރިހެނުންނާއި 4،684 އަންހެނުންނެވެ. އައްޑޫގެ ތިން ރަށެއްގެ ރައްޔިތުންނަށް އެކަނި ބައިވެރިވެވޭ މި ވޯޓުގައި މާލޭގައި ހަަތް ވޯޓު ފޮށި ބެހެއްޓިއިރު ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބެހެއްޓި އެވެ. މި ވޯޓަށް ޖުމްލަ 9،727 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވެ އެވެ.

ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ އެވެ. އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އަންނަ އާދިއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކިވަކި ރަށު ކައުންސިލްތައް ހެދުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އައްޑޫގެ ބައެއް ރަށްރަށުން މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސްއަށް ހުށަހެޅުމުންނެވެ. އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުން ވޯޓު ދީފައިވަނީ ސިޓީއެއް ބޭނުން ނުވާ ކަމަށެވެ.

މައުޟޫޢުތަށް