ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކޮށްފި
އަވަސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 11:43
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކޮށްފި އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅެއްގައި މ. އަތޮޅުގަ އެވެ. ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިކަވާކުރި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކާއި ބައިވެރިވެ ވަޑައިގެންނެވި ހަފުލާތަކުގެ ވީޑިއޯ އަދި އަޕްލޯޑްކޮށްފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްއަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުތަކާއި ބައިވެރިވެވަޑައިގަންނަވާ ހަފުލާތަކާއި ޖަލްސާތަކުގެ ވީޑިއޯ އާންމުކުރަމުންދިޔަ ޗެނަލްއެކެވެ. މި ޔޫޓިއުބް ޗެނަލްގައި ކުރީގެ ރައީސުންނާއި ނައިބުރައީސުން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުތަކާއި ހަފުލާތައް އަދި އެ ރަސްމިއްޔާތުތަކާއި ހަފުލާތަކުގައި ރައީސުންނާއި ނައިބު ރައީސުން ދެއްކެވި ވާހަކަފުޅުތަކުގެ ވީޑިއޯ އަޕްލޯޑްކޮށްފައިވެ އެވެ.