އައްޑޫ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި

އަވަސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 3:04

އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކިވަކި ރަށު ކައުންސިލްތައް ހެދުމަށް ފެނޭތޯ ބެލުމަށް އިއްޔެ ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި އެވެ.

އައްޑޫ އާއި މާލޭގައި މި ވޯޓު ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތަށް ބަލާއިރު ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވެ އެވެ. އެއީ 4،892 ފިރިހެނުންނާއި 4،684 އަންހެނުންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ރަސްމީ ނަތީޖާތަކަށް ބަލާއިރު މީދޫއަށް ހާއްސަކޮށް ވަކިން ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 847 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހުން ވޯޓުދީފައިވެ އެވެ. ހުޅުދޫއަށް ހާއްސަކޮށް ވަކިން ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 723 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 329 މީހުން ވޯޓުދީފައިވެ އެވެ. ފޭދޫއަށް ހާއްސަކޮށް ވަކިން ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 616 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 1،784 މީހުން ވޯޓުދީފައިވެ އެވެ. އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުން ވޯޓު ދީފައިވަނީ ސިޓީއެއް ބޭނުން ނުވާ ކަމަށެވެ.

މައުޟޫޢުތަށް