ޔޫއެންއޯޑީސީން ފުލުހުންނަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

އަވަސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 5:00

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންގެ ހިދުމަތުގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

ފުލުހުންގެ ފަރާތުން މި ތަކެއްޗާ ހަވާލުވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޒަމާނީ އާލާތްތަކުން މުޅި ރާއްޖޭގައި ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމުގައި ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ޔޫއެންއޯޑީސީން ފަސް ފްރެޑް ސިސްޓަމާއި، ހަތަރު ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސް ހަވާލުކޮށްފައިވެ އެވެ. މި އެހީތެރިކަމަކީ ދިވެހިރާއްޖޭގައި ކަނޑުމަތީގައި ހިންގާ ކުށްތައް ދެނެގަތުމަށްޓަކައި މާލީ އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ "ސްޓްރެންތެނިން ފައިނޭންޝަލް އިންވެސްޓިގޭޝަން ކެޕޭބިލިޓީސް އެންޑް ލޯ އެންފޯސްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް ޓު ކައުންޓާ މެރިޓައިމް ކްރައިމް” މަޝްރޫއުގެ ބައެކެވެ. މި އާލާތްތަކުގެ ތެރޭގައި ހިމެނޭ ފްރެޑް ސިސްޓަމްތަކަކީ ޑިޖިޓަލް ހެކި ހޯދުމަށާއި ތަހުލީލުކުރުމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ އާލާތްތަކުގެ ތެރެއިން އާލާތްތަކެކެވެ. އަދި ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސްތަކަކީ މަސްތުވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި މާއްދާތައް އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭ އާލާތްތަކެކެވެ. ފުލުހުން ބުނީ ޔޫއެންއޯޑީސީގެ މި އެހީތެރިކަމަކީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިއްމު މަރުހަލާއެއް ކަމަށެވެ. މި ހަދިޔާކުރެވުނު އާލާތްތަކާއެކު، ފުލުހުންނަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުުރުމަށް އެހީއަކަށް ވާނެ ކަމަށްވެސް ބުންޏެވެ.

މައުޟޫޢުތަށް