ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީ

އަވަސް

27 އޮކްޓޯބަރު 2025 | ހޯމަ | 9:37

ޕްރޮޕޯސަލަށް ބަދަލު ގެނެސް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލިކޮޕްޓަރުގެ ހިދުމަތާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނު ކުރީ ސާޗް އެންޑް ރެސްކިޔު އާއި މެޑިކަލް އިވެކުއޭޝަންތަކަށް ވަކި އިންސައްތައެއް ހިލޭ ދޭ ގޮތަށް ކަމަށެވެ. އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 36 ކުންފުނިން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް އާރްއެފްޕީގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ގޮތުން ކުންފުނިތަކުން މަޝްވަރާކުރި ކަމަށް އަމީން ވިދާޅުވި އެވެ. "ހުރިހާ ފަރާތްތަކުންވެސް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވީ އަޅުގަނޑުމެން ދައުލަތަށް ކުރިން މި ދެންނެވި ސާޗް އެންޑް ރެސްކިޔު އާއި އަދި މެޑިކަލް އިވެކުއޭޝަންއަށް ހިލޭ އެހީގެ ގޮތުގައި ނަގާ ބައި ބޮޑީ ކަމަށް،" އަމީން ވިދާޅުވި އެވެ. އެހެންވެ ގާނޫނީ އިމުގެ ތެރެއިން އެ އިއުލާނު ނިމުމަކަށް ގެނެސް މި އަހަރުގެ ފަހުކޮޅު އަލުން އިއުލާނުކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެ ގޮތުން ޑިސެމްބަރު މަހު އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަސް ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް