ކެރީން ކެޕޭސިޓީ ކަނޑައެޅުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަނީ
އަވަސް
27 އޮކްޓޯބަރު 2025 | ހޯމަ | 10:04
މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ކަނޑައެޅުން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެހިކަލް އިމްޕޯޓް ކެޕްކުރުމަށް ނިންމާފައިވޭތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކެރީން ކެޕޭސިޓީ ކަނޑައަޅަނީ ސިޓީ ކައުންސިލުންކަން ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ ވަޒީރުކަމާ ހަވާލުވެ މިހާތަނަށް ކުރި މަސައްކަތުން އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ. "އަޅުގަނޑު މިނިސްޓަރުކަމާ ހަވާލުވި ފަހުންވެސް ސިޓީ ކައުންސިލާ އެކީގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކެރީން ކެޕޭސިޓީ އިއުލާނު ކުރެވޭތޯ. އެހެން ނަމަވެސް މިއަދާ ހިސާބަށްވެސް އެކަން ކާމިޔާބުވެފައި ނެތުމާއެކީގައި އަޅުގަނޑުމެން އެކަންތައް ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މިނިސްޓްރީން މިކަންތައް ކުރާނެ ވާހަކަ ދަންނަވަން،" އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވި ގޮތުގައި ވެހިކަލްތައް ގިނަވީ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބެލުމެއް ނެތި 2018 ގެ ފަހުން ވެހިކަލްތައް ރަޖިސްޓްރީ ކުރުމުން ކަމަށެވެ. ނަމަވެސް މިދިޔަ ޖުލައި 13 އިން ފެށިގެން ކަސްޓަމްސުން މާލެ ސަރަހައްދަށް ވެހިކަލް ނެރެވޭނީ ގަރާޖު އޮވެގެން ކަމަށް އަމީން ވިދާޅުވި އެވެ. ގާނޫނު އޮތް ގޮތުން ސައިކަލުތަކުގެ އަދަދު ކޮންޓްރޯލް ކުރުމަށް މިނިސްޓްރީން ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެނެސް ދެތިން ހަފުތާ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.