ޖޭއެސްސީއަށް ހުސްނީ މުބާރިކް އައްޔަންކުރަން ފާސްކޮށްފި
އަވަސް
27 އޮކްޓޯބަރު 2025 | ހޯމަ | 12:00
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފަ އެވެ. އެ ނަމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ. ޖޭއެސްސީއަށް ހުސްނީ މުބާރިކް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.