އަންނަ އަހަރުގެ ބަޖެޓަކީ އޯގާތެރިކަމުގެ ބަޖެޓެއް: ރައީސް

އަވަސް

27 އޮކްޓޯބަރު 2025 | ހޯމަ | 1:03

އަންނަ އަހަރުގެ ބަޖެޓަކީ ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު އޮޅުވެލި ފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މި ހިނގާ ހަފްތާ ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިމަނައިގެން ބަޖެޓު ހުށަހަޅަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މިއަހަރު ސޮއިކުރެވި މަސައްކަތް ފެށިފައިވާ މަޝްރޫއުތަކުގެ އިތުރަށް ދެން ހުރި ވައުދުތައް ފުއްދުމަށް ފަހިވާ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ ގާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން ފޯރުކޮށްދިނުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށް ކަމަށެވެ. "ރަށްރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ އިތުރަށް އިޖުތިމާއީ ކަންކަމަށްވެސް ބޮޑު ސަމާލުކަމެއް ދޭން ބޭނުންވޭ. ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިހްސާސްކުރެވޭނެ އަހަރަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ. މިބައްދަލުވުމުގައި ރައީސް ވަނީ އޮޅުވެލިފުށީގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މައުޟޫޢުތަށް