އެލައިޑް ބައިސްކަލު ރޭސް ބާއްވައިފި
އަވަސް
27 އޮކްޓޯބަރު 2025 | ހޯމަ | 2:29
މި އަހަރަކީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް 40 އަހަރު ފުރޭ އަހަރުކަމުން މުޅި އަހަރު ތެރޭގައި އެލައިޑުން ގެންދަނީ އިޖުތިމާއީ ގުޅުން އާލާކުރުމުގެ މަގުސަދުގައި ހާއްސަ އަދި ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެ ގޮތުން މާލެ އާއި އެކި ރަށްރަށުގައި މިހާރުވެސް ޝައުގުވެރި ހަރަކާތްތަކެއް ވަނީ ބާއްވާފަ އެވެ.
އެލައިޑުން ވަނީ "އެލައިޑް ބައިސްކަލު ރޭސް" ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލޭގައި ބައިސްކަލް ރޭހެއް ބާއްވާފަ އެވެ. މިއީ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ޕްރޮމޯޓު ކުރުމުގެ އިތުރުން، ތިމާވެއްޓާ ރަޙުމަތްތެރިކޮށް ދިރިއުޅުން ބައްޓަންކުރުމަށް އެލައިޑުން ހިނގާ ސީއެސްއާރު އިނީޝިއޭޓިވް "ގްރީން ފޯ ގުޑް" ގެ މަގުސަދުތައް ވެސް ހާސިލުވާނެ ހަރަކާތެކެވެ. މި ރޭސް ކުރިއަށް ގެންދިޔައީ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގަ އެވެ. އަދި ބައިވެރިން ރޭސް ފެށުމަށް އެއްވީ ހުޅުމާލެ ޓެމްޕަރަރީ ޕާކަށެވެ.
އެލައިޑުން މި ބައިސްކަލު ރޭސް ބޭއްވީ ބައިސްކަލު ދުއްވުމުގެ ތެރެއިން ހަށިހެޔޮކަން ޕްރޮމޯޓުކުރާ ޖަމިއްޔާ، ބައިކް މޯލްޑިވްސް އާ ގުޅިގެންނެވެ. ތިން އުމުރުފުރާއަކަށް ކުރިއަށް ގެންދިޔަ މި ބައިސްކަލު ރޭސް ކަނޑައެޅިފައިވާ ގަޑީގެ ތެރޭގައި ނިންމާ ހުރިހާ ފަރާތަކަށް މެޑަލް ވަނީ މެޑަލް ދީފަ އެވެ. އަދި ކަނޑއެޅިފައިވާ ވަގުތުގެ ތެރޭގައި ނިންމާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.