މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ: ސައީދު
އަވަސް
28 އޮކްޓޯބަރު 2025 | އަންގާރަ | 9:37
މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕުކޮށް މޯލްޑިވްސް ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުގެ ހަރަދު ހަމަޖައްސަން 2.4 ބިލިއަން ރުފިޔާ ބާޒާރަށް ނެރެން މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. "ފައިސާ ޗާޕުކުރުމަށް މަނިކުފާނު މިހާރު އެއްކޮޅުވީތޯ؟ ދެން މީގެ ސަބަބު އިގުތިސޯދަށް ކުރާނެ އަސަރު މިންވަރު ކުރެވިފަ ވޭތޯ؟" ޝަމްހީދު ސުވާލު ކުރެއްވި އެވެ. ޝަމްހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވި ކަމަށާއި ނަމަވެސް އާމްދަނީ ލިބޭނެ ކަމެއް ކޮށްފައިނުވާ ކަމަށެވެ. ކުރީ ސަރުކާރުން އެންމެ ގިނައިން ދެއްކީ ކޮވިޑްގެ ވާހަކަ ކަމަށާއި ނަމަވެސް ކޮވިޑަށް ލިބުނު އެހީއަށްވުރެ ކޮވިޑަށް ކުރި ހަރަދު މަދު ކަމަށް ސައީދު ވިދާޅުވި އެވެ. "އެންމެ ބޮޑަށް އައީ ކޮވިޑްގެ ނަން. ކޮވިޑްގެ ނަން އައިއިރުގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ބައެއް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ނަމުގައި ލިބިފަ ހުރި ފައިސާ އެބައުޅޭ 8.7 ބިލިއަން ރުފިޔާ މިއީ ބައެއް މައުލޫމާތުތައް. ކޮވިޑަށް ހަރަދުކޮށްފަ އިނީ 4.2 ބިލިއަން. ދެން ކޮން ކަމަކާތޯ ފައިސާ ޗާޕުކުރީ،" ސައީދު ސުވާލު ކުރެއްވި އެވެ. ސައީދު ވިދާޅުވި ގޮތުގައި ދިވެހި ފައިސާގެ އަގު ވެއްޓުނީ އޭރު ފައިސާ ޗާޕުކުރުމުންނެވެ.