ހުރިހާ ރަށަކަށް ވަޑައިގެން ތާރީހީ ކާމިޔާބެއް

އަވަސް

28 އޮކްޓޯބަރު 2025 | އަންގާރަ | 6:00

ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކާމިޔާބީއެއް ހާސިލް ކުރައްވައިފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދެފަހަރަށް ވަޑައިގަތުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެއް އަހަރާ 11 މަސް ދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ތާރީޚީ ކާމިޔާބު ހާސިލްކުރައްވާފައި މިވަނީ ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގައެވެ. ރައީސް މުއިއްޒު ކ. ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފަ އެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފަ އެވެ. ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު، އެންމެ 23 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވި އެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުތަކުން ވަނީ ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.

މައުޟޫޢުތަށް