އިސްކަންދޭނީ ތުލުސްދޫ ރައްޔިތުންގެ ބޯހިޔާވަހިކަމަށް: ރައީސް

އަވަސް

28 އޮކްޓޯބަރު 2025 | އަންގާރަ | 5:00

ތުލުސްދޫގައި އެއްފަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރެއްވުމަށްފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ތުލުސްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ތުލުސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. ތުލުސްދޫ އަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ކާމިޔާބީ ދައްކުވައިދީފައިވާ އަދި އެކަމަށް މަރުހަބާ ކިޔާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ހިއްކި ބިމުން ގޯތި ދިނުމާއި، ގެދޮރު އިމާރާތްކުރުން ހިމެނޭހެން އެ ރަށުގައި ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. "އެގޮތުން ތުލުސްދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްފަހު ޖާގަ އޮތް މިންވަރަކުން، އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން" ރައީސް ވިދާޅުވި އެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ މުހިއްމު މަސައްކަތްތަކެއްގެ އެކި މަރުހަލާތައް ތުލުސްދޫގައި މިއަދު ފައްޓަވައިދެއްވާފަ އެވެ. އެގޮތުން މި ދަތުރުފުޅުގައި ވަނީ ކ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތާއި، ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ތުލުސްދޫ ފުލުހުންގެ މަރުކަޒާއި، ތުލުސްދޫ އިންޖީނުގޭގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީ ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ. އަދި، ތުލުސްދޫގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ކ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ތުލުސްދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ތުލުސްދޫގެ މަގު ހެދުމުގެ މަސައްކަތް ލަސްވެގެން ޖެނުއަރީ މަހު ފައްޓަވާނޭ ކަމަށާއި، ހުޅަނގު ބަނދަރުގެ މަސައްކަތާއި، ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗާއި ޑޮލަރު އޭޓީއެމްގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކުޅިވަރާއި، ތައުލީމާއި، ސިއްހީ ދާއިރާގެ ބިނާރާއި ވަސީލަތް ތަރައްގީކުރުމުގެ އިތުރު މަސައްކަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް