ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ އިތުރު ހާލަތްތަކެއް
އަވަސް
29 އޮކްޓޯބަރު 2025 | ބުދަ | 9:22
ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިން މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް އިތުރުކުރަން އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކޮށްފަ އެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރުމަށް އެދި ކޮންމެ ކޯޓަކަށްވެސް ހުށަހެޅިދާނެ އެވެ. ނަމަވެސް އިސްލާހުގައި އޮތީ އެފަދަ އަމުރެއް ނެރެވޭނީ ހައި ކޯޓުން ކަމަށާއި އެފަދަ ކަމެއްގައި ހައި ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ. ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް ޓެރައިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރު ކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. ގާނޫނު މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރުމަށް އަމުރު ކުރެވޭނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމާއެކު މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ އެވެ.
އިސްލާހުގައި މަސްދަރު ހާމަކުރަންޖެހޭނެ އިތުރު ހާލަތްތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށާއި ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ސިއްރު މައުލޫމާތު ހާމަކުރުމާއި، ރަޔަޓް ކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުންދޭފަދަ އަމަލުތަކާއި އަދި އެނޫންވެސް ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށް ހިމެނެ އެވެ.