ރާއްޖެ-ޗައިނާގެ 11 އެމްއޯޔޫގެ މައުލޫމާތު ހާމަކުރާނީ އެއްބަސްވުމަކަށް ދެވުމުން: ހަލީލް

އަވަސް

29 އޮކްޓޯބަރު 2025 | ބުދަ | 10:04

ރާއްޖެ އާއި ޗައިނާއިން މިއަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ މައުލޫމާތު ހާމަކުރާނީ އެއްބަސްވުމަކަށް ދެވުމުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި 11 ފަހުމުނާމާގެ ކޮޕީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ. އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ހަލީލް ވިދާޅުވީ އެ ފަހުމުނާމާތަކާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާ ކުރެވި އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ. "އަދި މި މަސައްކަތް ނިމުނުހާ އަވަހަށް މިކަމާބެހޭ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާއި ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ." ހަލީލް ވިދާޅުވި އެވެ. ރާއްޖެ އާއި ޗައިނާއިން 11 އެމްއޯޔޫއެއްގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ރާއްޖެ އާއި ޗައިނާއިން ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި އިގުތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެ އެވެ.

މައުޟޫޢުތަށް