ޑެޕިޔުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުން ދެ ބޭފުޅަކު ވަކިކޮށްފި
އަވަސް
29 އޮކްޓޯބަރު 2025 | ބުދަ | 10:20
ޑެޕިޔުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފޮނުއްވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް ޑެޕިޔުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކަސްޓަމްސް ގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން ކަސްޓަމްސް އިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަސްޓަމްސްއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މުވައްޒަފުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. މި މައްސަލައިގައި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ.