ހަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކަން ހުޅުވާލައިފި
އަވަސް
29 އޮކްޓޯބަރު 2025 | ބުދަ | 11:39
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި މިއަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 280 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ ފެބްރުއަރީ 9 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 162 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ މޭ 4 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 303 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 402.3 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.