އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރަން ރުހުންދީފި
އަވަސް
29 އޮކްޓޯބަރު 2025 | ބުދަ | 11:48
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އެޗްއާރުސީއެމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ގައި ހަމަވާތީ އެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން އިއުލާނުކުރުމުން އެ ކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ. ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރަމީލާ ގައުމީ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ.