މިދިޔަ މަހު ކުދިންނަށް ކުރާ އަނިޔާގެ 100 މައްސަލަ

އަވަސް

29 އޮކްޓޯބަރު 2025 | ބުދަ | 12:25

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް މި އަހަރުގެ ސެޕްޓެމްބަރު މަހު ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ރިޕޯޓްކޮށްފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަ އެވެ. އެގޮތުން މި ބާވަތުގެ 32 މައްސަލަ ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 21 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލައެކެވެ. ފާއިތުވި ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ އެވެ. އެގޮތުން މި ބާވަތުވެ 23 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ ފަސް މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 18 މައްސަލައެކެވެ. މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ އާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން - ބްލެކްމެއިލް ކުރުމުގެ ދެ މައްސަލައިގެ އިތުރުން ކުދިން ދޫކޮށްލާފައި ދިޔުމުގެ މައްސަލައަކާއި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ހިމެނެ އެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ސެޕްޓެންބަރު މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 50 މައްސަލައަކާއި ފިރިހެން ކުދިންގެ 50 މައްސަލައެކެވެ.

މައުޟޫޢުތަށް