ޖޭއެސްސީގެ ރައީސަކަށް ހުސްނީ
އަވަސް
29 އޮކްޓޯބަރު 2025 | ބުދަ | 11:00
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ މިއަދު ހޮވާފައިވާ ކަމަށް ބުނުން ފިޔަވާ ޖޭއެސްސީ އިން އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. ޖޭއެސްސީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ޖޭއެސްސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރަކަށް ހުސްނީ ހަމަޖައްސަން މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވީވެސް މިއަދު އެވެ. ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރުމާ ގުޅިގެން ހުސްނީ ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. ޖޭއެސްސީގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުވެސް މިފަހުން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި ޖޭއެސްސީގެ ނައިބް ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ ހަމަޖައްސާފަ އެވެ.