ބަދަލު ދިނުމުން 13 ދައުވާއެއް އަނބުރާ ގެންގޮސްފި

އަވަސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:09

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގި އިންވެސްޓްމެންޓް ސްކީމާ ގުޅިގެން ކުރި ދައުވާތަކުގައި ބަދަލު ލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޓެކުމުގެ ކުށުގެ 13 ދައުވާ އުފުލާފައިވަނީ އެ ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ އިތުރުން އަލްހާންގެ ދެ ކޮއްކޮ ކަމަށްވާ ޝަޒްބާން ފަހުމީ އާއި، ޝަހްބާން ފަހުމީގެ މައްޗަށެވެ. މި މައްސަލައިގައި ޓެކުމުގެ ކުށުގެ ދައުވާ އުފުލީ ނޮވެމްބަރު 23، 2023 ގަ އެވެ. މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް ދައުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތައް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް ދަޢުވާތައް މުރާޖައާކޮށް ދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން ޕީޖީ އޮފީހުގައި އެދުނެވެ. ޕީޖީ އޮފީހުން ބުނީ އެކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. މިއާއެކު މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ޓެކުމުގެ ކުށުގެ 13 ދައުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް، މި މައްސަލާގައި ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް