ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އެހީ ދިނުމުގެ ކަންކަން އެމްއެމްބީސީއާ ހަވާލުކުރަނީ
އަވަސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:50
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ ހުރިހާ ކަމެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އާ ހަވާލުކުރަން ނިންމައިފި އެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި އެ އެހީ ދޫކުރާ މީޑިއާތަކާއި މީޑިއާތަކަށް ދޫކުރާ އެހީގެ ތަފުސީލުވެސް އާންމުކުރި އެވެ. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިއަދު ކުރި އިއުލާނެއްގައި ބުނީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލުގެ ދަށުން މާލީ އެހީތެރި ކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ބައެއް މީޑިއާތަކާއި އަމިއްލަ ބައެއް ފަރާތްތަކުން އެ އުސޫލާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އުސޫލު އެކުލަވާލެވިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ކަމަށެވެ. ނަމަވެސް، އެމްއެމްބީސީ އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ކަމަށް ދެކޭ ކަމަށާއި އުސޫލާ ގުޅިގެން ކުރި އިއުލާންތައް ބާތިލުކޮށް މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން އިތުރަށް ބުނީ މިކަމާބެހޭ ގޮތުން އެ މިނިސްޓްރީން ކުރި އިއުލާނާއި އިއުލާނާ ގުޅިގެން ލިބުނު ހުށަހެޅުންތަކުގެ ދަށުން އެކުލަވާލި އިގުރާރުވެސް މި ހިސާބުން ބާތިލުކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީއަށް އެދެން ހުޅުވާލި ފުރުސަތުގައި އަވަސް އޮންލައިން އާއި ރާއްޖެ ޓީވީން މި އެހީއަށް އެދިފައި ނުވެ އެވެ.