އަންނަ އަހަރު ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް
އަވަސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:13
ރާއްޖޭގެ ރަސްމީ ރިޒާވް އަންނަ އަހަރު 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ގޮސްފައި ކަމަށާއި ޔޫޒަބަލް ރިޒާވް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ދިޔަ ކަމަށެވެ. މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާ ޕޮޒިޝަން އިންތިހާއަށް ބަލިކަށިވުމުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެއިރު މެކްރޯ އިކޮނޮމިކް ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރީ ހާލަތުން އަރައިގަތުމަށްކަން ފާހަގަކުރައްވާ މޫސާ ޒަމީރު ވިދާޅުވީ މި ހިނގާ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި ދައުލަތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ޓެކުހާއި ފީ މަތިކުރުމަށް ހުށަހެޅި ކަމަށެވެ. "މި ސަރުކާރުން ގެނައި ބަދަލުތަކާ އެކީގައި މިއަދާ ހަމައަށް ވާސިލްމިވީ ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިންގަޑިއަށް އަދާކުރަމުން. މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވޭ. އެކްސްޓާނަލް ސެކްޓާ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން ސެޕްޓެމްބަރުގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި،" މޫސާ ޒަމީރު ވިދާޅުވި އެވެ. އެއާއެކު 200 މިލިއަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު މި އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ބެލެވޭ ކަމަށާއި އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.