ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް

އަވަސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:00

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބައްސާމްގެ މައްޗަށް މީގެކުރިން ވަނީ ހިޔާނާތުގެ ދައުވާ ސާބިތުވެފަ އެވެ. އެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވާފަ އެވެ. ބައްސާމްގެ މައްޗަށް މިއަދު އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 10،000 ޑޮލަރަށްވާ ފައިސާ ކަމަށްވާ 154،200 ރުފިޔާގެ ޖޫރިމަނާ ހުކުމެކެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން އަމުރުކޮށްފައިވެ އެވެ. ބައްސާމުގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާ އުފުލީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށްފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. ބައްސާމްގެ މައްޗަށް އަދިވެސް އިތުރު ދައުވާތަކެއް އުފުލާފައިވެ އެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.

މައުޟޫޢުތަށް