ރިޔާޒު ވަކިކުރި މައްސަލަ އަލުން ބަލައިދިނުމަށް އެދިއްޖެ
އަވަސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:00
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު މަގާމުން ވަކިކުރި މައްސަލަ އަލުން ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ އަކީ ރިޔާޒު ނިސްބަތްވާ ދާއިރާ މަޖިލީހުގައި ތަމްސީލް ކުރައްވާ މެންބަރެވެ. ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރިޔާޒާއި ކަސްޓަމްސްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރެއް ކަމަށްވާ އަބްދުﷲ ވަހީދުވެސް މަގާމުން ވަކިކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން އެ ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށްފައި ކަމަށެވެ. ކުޑޫގެ ސިޓީގައި ވިދާޅުވީ ރިޔާޒަކީ އިހްލާސްތެރިކަމާއެކު ކަސްޓަމްސްގައި 33 އަހަރު ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އޭނާގެ ނުރަނގަޅު އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ. ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕަށް ރިޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާއަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ދުވަހަކުވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. "މާތްﷲ ގަންދީ ހުވާކުރަން، އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު މަގާމުން ވަކިކުރުމާއެކު އޭނާގެ ދިފާއުގައި ކަސްޓަމްސްގެ ބައެއް މުވައްޒަފުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ރިޔާޒުގެ ދިފާއުގައި އަޑުއުފުލަމުންނެވެ.