ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން ފަށައިފި
އަވަސް
1 ނޮވެމްބަރު 2025 | ހޮނިހިރު | 12:05
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ދިވެހި ތާރީހުގައިވެސް މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދު - ނޮވެމްބަރު 1، 2025 އިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ސަރުކާރުގެ ހިތްވަރުގަދަ މި ފިޔަވަޅާ ގުޅިގެން ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ކަނޑައަޅާފައިވާ "ޖެނެރޭޝަނަލް ބޭން" ތަންފީޒު ކުރަން ހުރިހާ ފަރާތްތަކަކަށްވެސް ލާޒިމުވާނެ އެވެ. ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިއަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހުން އެ ދުވަހު ނިންމެވީ ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގު ކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށެވެ. އެ ތާރީހު ފެށުނީ މިރޭ 00:00 އިން ފެށިގެންނެވެ. ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައިވެސް ހުޅުވާލެއްވި އެވެ. ނަމަވެސް ކެބިނެޓުން ޖެނެރޭޝަނަލް ބޭން ކަނޑައަޅަން ނިންމީ އާންމުން ދިން ހިޔާލާ އެއްގޮތަކަށް ނޫނެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުންވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.