ނެޝަނަލް ޓޯޗް ރަން އަށް އެޗްޑީސީ މުވައްޒަފުންގެ ބޮޑު ތަރުހީބެއް
އަވަސް
1 ނޮވެމްބަރު 2025 | ހޮނިހިރު | 8:00
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ކުރިއަށް ގެންދިޔަ "ނެޝަނަލް ޓޯޗް ރަން"ގައި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ.
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސްޕޯޓްސް ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދާ މި ދުވުމަކީ ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށް ގެންދާ މި ދުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއެކު މުޅި ކުންފުނީގެ 350 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލުކުރަން ފަށާއިރު ސަރުކާރުން ކުރިއަށް ގެންދާ މިފަދަ މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުންދެ އެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވުމެވެ.