އީސީން އުވާލި ޕާޓީއެއް އަލުން ދަފްތަރުކޮށްފި

އަވަސް

1 ނޮވެމްބަރު 2025 | ހޮނިހިރު | 7:00

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އީސީގެ ނިންމުން ބަދަލުކުރުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.

އެމްއެލްއެސްޑީޕީ އުފެއްދީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ތިއްބަވައިގެން 2018 ވަނަ އަހަރު އެވެ. އެމްއެލްއެސްޑީޕީގައި 3،000 މެންބަރުން ހަމަނުވާތީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީއަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަކުރެވޭ ގޮތް ނުވުމުން އެ ޕާޓީ އުވާލުމަށް ނިންމާ، އީސީން އެ ނިންމުން އިއުލާންކުރީ މާޗް 15، 2023 ގައެވެ. އެމްއެލްއެސްޑީޕީގެ ފަރާތުން އީސީގެ ނިންމުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުގައި ރެޖިސްޓާކުރީ އެ އަހަރުގެ ޖުލައި 5 ގަ އެވެ. ސިވިލް ކޯޓުގެ ގާޒީ ގާޒީ ސިނާން އަލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުރެއްވި ހުކުމުގައިވަނީ އީސީގެ ނިންމުމަކީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ނިންމި ނިންމުން ރިވިއުކުރުމަށް އީސީއަށް އަންގާފައިވެ އެވެ. އީސީގެ ދަފުތަރުގައި މިހާރު 9 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.

މައުޟޫޢުތަށް