ސިނގިރެޓް ކޮންޓެއިނާ މައްސަލަ: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

އަވަސް

2 ނޮވެމްބަރު 2025 | އާދިއްތަ | 11:00

މޯލްޑިވްސް ކަސްޓަމް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނާގެ ސިނގިރޭޓް ގެއްލުނު މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ޖުމްލަ ނުވަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. ދެ ކޮންޓެއިނާގެ ސިނގިރޭޓް ގެއްލުނު މައްސަލައިގައި އެންމެފަހުން ހައްޔަރުކުރީ ހ. ރޫމޭނިޔާ، އަހްމަދު ފިރުސާން (35 އ)އާއި ހދ. ވައިކަރަދޫ، ނޫރަލީގެ، އަހްމަދު ޝަހީމް (42 އ)އާއި ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހް (35 އ) އެވެ. މިތިން މީހުންގެ ކުރިން ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54 އ) އާއި، ކ.ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52 އ) އެވެ. ދެ ކޮންޓެއިނާގެ ސިނގިރޭޓް ގެއްލުނު މައްސަލަ ފެންމަތިވެ ފުލުހުންގެ ތަހުގީގު ފެށުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކުރީ މަޝްހޫރޫ ދެ ވިޔަފާރިވެރިން ކަމަށްވާ މއ. އެވަގްލޯރީ، އަހްމަދު އާރިފް (61 އ)އާއި، ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު (65 އ)ގެ އިތުރުން ހ. ނިއުހެޕިނަސް، މުއާޒު އަލީއާއި، ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއީލް (40 އ) އެވެ. ކަސްޓަމްސް އިން މިއަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު ސަސްޕެންޑްކޮށްފައިވާއިރު އެ އިދާރާގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެމްޕީއެލް އިންވެސް ވަނީ އެ ކުންފުނީގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފަ އެވެ.

މައުޟޫޢުތަށް