"ގައުމާ އެއްކޮޅަށް ވިސްނާނަމަ ކަންބޮޑުވާންޖެހޭ ކަމެއް ނެތް"

އަވަސް

3 ނޮވެމްބަރު 2025 | ހޯމަ | 1:08

ކޮންމެ ދިވެއްސަކީވެސް ގައުމާ އެއްކޮޅަށް ވިސްނާ މީހެއް ނަމަ ގައުމުގެ މިނިވަންކަމާ ދޭތެރޭ ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިން މިއަދު ފާހަގަކުރާ ނަސްރު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ގައުމާ އެއްކޮޅަށް ވިސްނުން ބޭނުންކުރަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހިން ދިވެހި ގައުމަށްޓަކައި އިސްލާމް ދީނުގައި ސާބިތުވެ ތިބެ އަދި އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ތިބެ އެ ހަގީގަތްތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދޭންޖެހޭ ކަމަށެވެ. ދިވެހި ގައުމު ދެމިއޮތްހާ ދުވަހަކު ގައުމުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ޝަހީދުންގެ ޒިކުރާ ތާއަބަދަށް ދަމަހައްޓާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ގައުމަށްޓަކައި ގުރުބާންވެވޭނީ ހަމައެކަނި ސިފައިންނާއި ފުލުހުންނަށް ނޫންކަން ފާހަގަކުރެއްވި އެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް ޖީލުތަކަށް ފޯރުކޮށްދިނުން ފަހުރަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި ބަވަނަވެފައިވާ ދުނިޔޭގައި ގައުމުތަކުގެ މިނިވަންކަން ނިގުޅައިގަތުން ފަސޭހަވީ ނަމަވެސް ވިސްނުން ބޭނުންކުރާނަމަ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ރައީސް ވާހަކަދެއްކެވި އެވެ. "ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައިވާ ސިކުނޑި. ވިސްނުން. އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ގައުމުދެކެ ލޯބިވެ، ގައުމާ އެއްކޮޅަށް ކަންކަންކުރަން އަޒުމު ކަނޑައަޅައި މަސައްކަތްކުރާހާ ހިނދަކު މި ގައުމާމެދު ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް