މިޔަރު މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް

އަވަސް

4 ނޮވެމްބަރު 2025 | އަންގާރަ | 7:26

ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ. ގަރާރުގައި ބުނީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަކީ ރާއްޖެއަށް އިއާދަ ނުކުރެވޭ ވަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ. މިޔަރު އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތެއް ކަމަށާއި މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތެރިކަން ދަށް އާބާދީތަކެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއްބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށް ކުރާ ޑައިވިން އާއި ސްނޯކްލިން ކަމަށާއި މިޔަރާއި އެންމަޑި ފަދަ ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ. ކަށިިމިޔަރު މަސްވެރިކަމަށް ހުއްދަ ދިނުމުން މިޔަރުގެ ބާވަތްތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށްވެސް އުނިކަން އައި ރާއްޖެ ބަދުނާމުވާނެ ކަމަކަށް މިކަންވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަމަށް ފުރުސަތު ދިނުމަކީ ކުރު މުއްދަތުގެ އިގުތިސާދީ ކުޑަ މަންފާއެއް ލިބިދާނެ ކަމެއް ނަމަވެސް އެކަމުން ދިގު މުއްދަތުގައި ތިމާވެށްޓާއި ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ ބައިނަލްއަގުވާމީ މަގާމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް