އެއްވެއުޅުމުގެ ގާނޫނު އުވާލުމަށް ހުށަހަޅައިފި
އަވަސް
4 ނޮވެމްބަރު 2025 | އަންގާރަ | 7:23
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ގާނޫނު އުވާލުމުގެ ބިލް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ. ބިލް ހުށަހަޅާ ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބޭ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން އެ މިނިވަންކަމަށް ހުރަސް އެޅުމެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުން ކަމަށް ބިލްގައި ބުނެފައިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޖުތަމައުގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ކޮންމެހެން ލިބިދޭންޖެހޭ ބާރާއި އިހުތިޔާރު އެހެނިހެން ގާނޫނުތަކުން މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާތީ މި ގާނޫނު ވުޖޫދުގައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ނުވާތީ ގާނޫނު އުވާލުން ބިލް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެ އެވެ.