އައްޑޫގެ ހުޅުދޫ އާއި މީދޫއަކީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފި

އަވަސް

4 ނޮވެމްބަރު 2025 | އަންގާރަ | 12:37

އައްޑޫގެ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާ ގުޅޭ ގަރާރަށް ގެނައި އިސްލާހަކަށްފަހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިސްލާހު ކުރައްވާފައިވަނީ އައްޑުއަތޮޅު ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި މިދިޔަ މަހުގެ 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ހުޅުދޫއާއި މީދޫގައި ވަކި ކައުންސިލެއް ހެދުމަށް އެ ރަށްރަށުގެ ރައްޔިތުން ނިންމުމާ ގުޅިގެންނެވެ. އެ ދުވަހު ފޭދޫ ރައްޔިތުން ނިންމީ މިހާރުވެސް އޮތް ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ފޭދޫ ބޭއްވުމަށެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިސްލާހުކުރައްވައި މިއަދު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ގަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، "މަރަދޫ" އާއި، "މަރަދޫފޭދޫ" އާއި، "ފޭދޫ" ކަމަށާއި، "އައްޑޫ"ގެ އިޚްތިސާސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. މި އިސްލާހާ އެކު އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިތުރުކޮށްފަ އެވެ. އަދި "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، މަރަދޫ އާއި، މަރަދޫފޭދޫ އާއި، ފޭދޫ ކަމުގައި ބަޔާންކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވާފަ އެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.

މައުޟޫޢުތަށް