އދގެ ސަމިޓަކަށް ނައިބް ރައީސް ގަތަރަށް

އަވަސް

3 ނޮވެމްބަރު 2025 | ހޯމަ | 11:50

ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ސެކަންޑް ވާލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، މިރޭ ފުރާވަޑައިގެންފި އެވެ.

މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖުތިމާއީ ތަރައްގީ ކުރިއެރުވުމާއި، ފަގީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖުތަމައެއް ބިނާކުރުމާ ބެހޭ ގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްވަރާތައް ކުރިއަށް ދާނީ 2030 ވަނަ އަހަރާ ހަމައަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ. އދގެ އާންމު މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 އިން 6 އަށް ގަތަރުގެ ދޯހާ ގައެވެ. އެންމެފަހުން ބޭއްވި ވާލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަން ގައެވެ. މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެ އެވެ.

މައުޟޫޢުތަށް