ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ބައެއް މަގުތައް ބަންދުކޮށްފި
އަވަސް
4 ނޮވެމްބަރު 2025 | އަންގާރަ | 9:04
މާލޭ ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ބައެއް މަގުތައް ބަންދުކޮށްފި އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް އެ ސަރަހައްދުގައި ހިމެނޭ ބައެއް މަގުތައް އާންމު ޓްރެފިކަށް ބަންދުކުރީ ރޭ 8:00 އިން ފެށިގެންނެވެ. ތާރު އެޅުމަށް ބަންދުކުރީ ބޮޑުތަކުރުފާނު މަގު ޝަހީދު މުހައްމަދު ހުސައިން ހިނގުމުން ހުސޭނީ ގޯޅިއާ ހަމައަށް، މުހައްމަދު އިސްމާއިލް ގޯޅީގެ ބަޔަކާއި، ކަނޑިދޮންމަކިނު ގޯޅީގެ ބައެއް އަދި ޗާންދަނީ މަގުން އިބްރާހިމް ހަސަން ދީދީ މަގާއި ހަމައަށެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހު އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. މިމަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގު ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ތާރު އަޅާ ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ޑްރެއިނޭޖު ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުންވެސް ހިމެނެ އެވެ. އެމްޓީސީސީއާ މިމަޝްރޫއު ހަވާލިކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށެވެ.