ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓު

އަވަސް

4 ނޮވެމްބަރު 2025 | އަންގާރަ | 11:03

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ކޮންމެ މެންބަރަކަށް ގިނަވެގެން 15 މިނެޓް ދޭން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

އާންމު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މިއަދު ނިންމީ މިދިޔަ އަހަރުވެސް ބަޖެޓް ބަހުސަށް ދިން ވަގުތު ދިނުމަށެވެ. އެ ގޮތުން ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓު ދިނުމާއެކު ބަޖެޓް ދިރާސާ ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މެންބަރުންގެ ސުވާލުތަކާއި ހިޔާލުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބަޖެޓުގައި ހިމެނޭ 9.3 ބިލިއަން ރުފިޔާގެ ސްކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުހިމަނައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ. މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އެއީ 62 ޕަސެންޓެވެ. އަންނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މައުޟޫޢުތަށް