20،000 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: ރައީސް
އަވަސް
4 ނޮވެމްބަރު 2025 | އަންގާރަ | 11:20
ހިނގަމުންދާ ނޮވެމްބަރު މަހުން ފެށިގެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން އަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިވިލް ސާވިސް އާއި ލޯކަލް ކައުންސިލްތަކާއި ޝަރުއީ ދާއިރާއިން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން އަންނާނެ ކަމަށެވެ. "ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކަކާ މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަ ޕޭ ކޮމިޝަނުން މައްސަލަތައް ހައްލުކޮށްދޭނެ ކަމަށެވެ. އަންނަ އަހަރު ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ބޮޑު ނުވެ ނުހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުވައްޒަފުންގެ މުސާރަތަކަށް އަންނަ ކުރިއެރުންތަކާ އެކު އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށްވެސް 7،000 ރުފިޔާއަށް ވުރެ މުސާރަ ބޮޑުވާނެ ކަމަށެވެ. "އަސާސީ މުސާރައަށް ގެންނަ ބަދަލުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފަންޑަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން މިދިޔަ މެއި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، ސިވިލް ސާވިސްގައި 30،436 މުވައްޒަފުން މަސައްކަތް ކުރެ އެވެ.