ވަގަށް ނެގި ސިނގިރޭޓްތައް ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

އަވަސް

4 ނޮވެމްބަރު 2025 | އަންގާރަ | 10:00

ރާއްޖެއަށް ވަގަށް އެތެރެކުރުމާ ގުޅިގެން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ރިޕޯޓް ކުރަން ފުލުހުން އެދިއްޖެ އެވެ.

ސިނގިރެޓްތައް ވަގަށް ނެގި މައްސަލައިގާ މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފައިވެ އެވެ. މީގެތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނީގައި އުޅުނު މީހުންނާ އަދި ވައްކަން ކުރުމުގައި އެކި މަރުހަލާގައި ބައިވެރިވެފައިވާ ކަމަށް ތަހުގީގުން ހޯދުނު މީހުން ހިމެނެ އެވެ. މި މައްސަލައިގައި މިހާތަނަށް 19 މީހަކު ފުރުންވެސް މަނާކޮށްފައިވެ އެވެ. މައްސަލައިގެ ތަހުގީގުގެ ތެރެއިން 5 އުޅަނދެއް ބަލައި ފާސްކޮށް މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއްވެސް ބަލައި ފާސްކޮށްފައިވެ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާމިނަލްގައި ބެހެއްޓުމަށްފަހު ކަމަށެވެ. ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށްވެސް ބުންޏެވެ. ފުލުހުން ވަނީ މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ވަގަށް ނަގާފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

މައުޟޫޢުތަށް