ނިއުޔޯކުގެ މޭޔަރުކަން މުސްލިމު މަމްދާނީއަށް
އަވަސް
5 ނޮވެމްބަރު 2025 | ބުދަ | 11:00
ނިއުޔޯކް ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބު މުސްލިމެއް ކަމަށްވާ ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި އެވެ.
ނިއުޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯއަށްވުރެ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި މަމްދާނީ ވަނީ ސިޓީގެ އާ މޭޔަރަކަށް ހޮވިފަ އެވެ. ވޯޓުގެ 97 ޕަސަންޓަށް ވުރެ ގިނަ ވޯޓު ގުނާ ނިމުނުއިރު މަމްދާނީއަށް 1.03 މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވާތީ އޭނާ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް މިހާރު ވަނީ ޔަގީންވެފަ އެވެ. މަމްދާނީގެ ސޯޝަލިސްޓް ކެމްޕޭނުން ރެންޓު އަގުތައް ގަނޑުކުރުމާއި ބަސް ދަތުރުފަތުރު ހިލޭކުރުމުގެ ވައުދުތަކަކީ ނިއުޔޯކުގެ ރައްޔިތުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިދިން ކަންކަމެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މަމްދާނީ މޭޔަރަކަށް ހޮވުމުން އޭނާގެ ސަޕޯޓަރުން ބުނެފައިވަނީ އެމީހުން ވަރަށް އުފާވެފައިވާ ކަމަށާއި އުންމީދުތައް އާވެއްޖެ ކަމަށެވެ. މިއީ ޑިމޮކްރެޓުންނަށް ވަރަށް ކާމިޔާބު ރެއެކެވެ. އެގޮތުން ވާޖިނިއާގެ ގަވަރުނަރުކަން އަބީގޭލް ސްޕެންބަގާ ކާމިޔާބު ކުރެއްވި އިރު، ނިއުޖާޒީގެ ގަވަރުނަރުކަން މައިކީ ޝެރިލް ވަނީ ކާމިޔާބު ކުރައްވާފަ އެވެ. މީގެ އިތުރުން ކެލިފޯނިއާގައި ވަނީ ޕްރޮޕޮޒިޝަން 50 ފާސްކޮށްފައެވެ. މި ފިޔަވަޅަކީ ޓެކްސަސްގައި ރިޕަބްލިކަން ކެންޑިޑޭޓުން ހިންގާ މަސައްކަތްތަކާ ދެކޮޅަށް، ވަގުތީ ގޮތުން ސްޓޭޓްގެ ދާއިރާތައް ބަދަލުކުރުމުގެ އުންމީދުގައި ފާސްކުރި ފިޔަވަޅެކެވެ. އާ މެޕްތަކުގެ ސަބަބުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ޑިމޮކްރެޓުންނަށް އިތުރު ފަސް ގޮނޑި ލިބިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.