ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުމަކީ އަމާޒެއް
އަވަސް
5 ނޮވެމްބަރު 2025 | ބުދަ | 7:51
ބުރިޖަކީވެސް ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ އިންޓަނޭޝަނަލް ބިޑިންގްއަށް ހުޅުވާލައިގެން ބްރިޖުގެ ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ހަ މަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މައުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ހަވާލުކުރީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރައީސްގެ ވާހަކަފުޅުގައި މި މަސައްކަތް ހަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވި އެވެ. އަދި އެ ކުންފުންޏާއި ޙަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ވިދާޅުވިއެވެ. މިދިޔަ މަހު މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާއި ހިސާބަށްދާއިރު ސަރުކާރަށް މި ލިޔުންތައް ހުށައަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިޚުތިޔާރުކޮށް އެގްރީމަންޓް ހަދައި، އިރާދަކުރެއްވިއްވާ މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒުކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.