އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން އިފްތިތާހުކޮށްފި

އަވަސް

5 ނޮވެމްބަރު 2025 | ބުދަ | 7:58

އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން އިފްތިތާހުކޮށްފި އެވެ.

ގަން އެއާ ސްޓޭޝަންގެ ނަމުން ނަން ދީފައިވާ މި ވައިގެ މަރުކަޒު އިފްތިތާހުކޮށް ދެއްވީ އައްޑޫއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ. ގަން އެއާ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެތަން ބައްލަވާލައްވާފަ އެެވެ. އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް ރައީސް މުއިއްޒު ނިންމެވީ މިމަހުގެ 3 ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ. އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ޤާއިމުކޮށް އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް މި ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފަ އެވެ.

މައުޟޫޢުތަށް