ރައީސް މުއިއްޒު މާލެ ވަޑައިގެންފި
އަވަސް
6 ނޮވެމްބަރު 2025 | ބުރާސްފަތި | 7:55
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްޤީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފަ އެވެ. މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފަ އެވެ. އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީ، ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވާފަ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއާ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުއްވައިދެއްވާފަ އެވެ.