ސެޕްޓެމްބަރުގެ ނިޔަލަށް 61،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި
އަވަސް
6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:15
ރާއްޖެއިން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 61،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން 61،452.3 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 32،042.4 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 29،409.9 މެޓްރިކް ޓަނު -- 91 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 48،025 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 18،879 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 6،919 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 4،517 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ.